
ޖީން ޕިއާޖޭ (Jean Piaget) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1896 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 9 ވަނަ ދުވަހު ސްވިޒަލޭންޑްގެ Neuchatel އަށެވެ. ޕިއާޖޭ މިދުނިޔެއަށް އަލްވަދާޢު ކިޔާފައިވަނީ 16 ސެޕްޓެންބަރު 1980 ގައި ސްވިޒަލޭންޑްގެ ޖެނީވާ ގައެވެ.
- ޕިއާޖޭ (1896-1980) ދުނިޔެއަށް މަޝްހޫރު ވެފައިވަނީ، 20 ވަނަ ޤަރުނުގެ ތެރޭގައި ކުދީންގެ ވިސްނުން ތަރައްޤީ ވަމުންއަންނަ ގޮތާ މެދު މީހުން ދެކެމުން އައި ގޮތް ބަދަލުކުރި ސައިކޮލޮޖިސްޓެއްގެ ގޮތުގައެވެ.
- ކުދިން ބޮޑުވަމުން ދާވަރަކަށް ވިސްނުމުގެ ޤާބިލުކަން ކުރިއަރައި ބަދަލުވަމުންދާ ގޮތުގެ މައްޗަށް އެކުލަވާލި ނަޒަރިއްޔާއެއް ޕިއާޖޭ ވަނީ ހުށަހަޅުއްވާފައެވެ.
- ޕިޔާޖޭގެ ވިސްނުން ތަރައްޤީވުމުގެ ނަޒަރިއްޔާތު Cognitive Development Theory އަށް މަގުފަހިވެގެންދިޔައީ އޭނާގެ 3 ދަރިން ބޮޑު ވަމުންދިޔައިރު އެކުދިން ހެދިބޮޑުވަމުން ދިޔަގޮތަށް ބަލައި ކުރި ދިރާސާތަކާވެސް ގުޅިގެންނެވެ.
ކޮގްނިޓިވް ޑިވެލޮޕްމަންޓް ތިއަރީ Cognitive Development Theory އަކީ އިންސާނާގެ ވިސްނުމާއި އުޅުމަށް އަންނަ ބަދަލުތަކެއްގެ ސަބަބުން އިންސާނުން އެމީހުންގެ ދުނިޔެ ދެނެގަންނަ ގޮތެވެ. މިގޮތުން އިންސާނުން އުފަންވީއްސުރެ ފުރާފުރިހަމަވުމަށްދާންދެން، ވިސްނުން ބަދަލުވަމުންދެއެވެ. އިންސާނާގެ ތަރައްގީއަށް އަސަރުކުރާ 4 ކަމެއް ޕިއާޖޭ ކަނޑައަޅުއްވާފައިވެއެވެ. އެއީ ހެދިބޮޑުވެ ފައްކާވުން (މެޗުރޭޝަން) Maturation، ހަރަކާތްތައް (އެކްޓިވިޓީ)، އިޖްތިމާޢީ ތަޖުރިބާ (ސޯޝަލް އެކްސްޕީރިއެންސަސް)، އަދި އިކްއިލިބްރިއޭޝަން Equilibration އެވެ.
ޕިއާޖޭ ދެކެލައްވާ ގޮތުގައި، ހުރިހާ ކުދިންވެސް ކޮގްނިޓިވް ޑިވެލޮޕްމަޓްގެ ހަތަރު ފިޔަވައްސެއް ކަނޑައްތު ކުރާނެވެ.
- ސެންސަރީ މޮޓޯ (0 – 2 އަހަރު)، Sensorimotor stage
- ޕްރީއޮޕަރޭޝަނަލް (2 – 7 އަހަރު)، Preoperational stage
- ކޮންކްރީޓް އޮޕަރޭޝަނަލް (7 – 11)، Concrete operational stage
- ފޯމަލް އޮޕަރޭޝަނަލް (11 އަހަރުން ބޮޑުމީހަކަށް) Formal operational stage
ޕިއާޖޭގެ ކޮގްނިޓިވް ލަރނިންގ ތިއަރީގެ ބޭނުން މުދައްރިސުން ހިފުމަކީ އުދަނގޫ ކަމެއް ނޫނެވެ. މިތިޔަރީ ބުނާގޮތުން ކުދިންނަށް ކުރިން އެނގިފައިވާ އެއްޗެއްގެ މައްޗަށް ބިނާކޮށް އާ މަޢުލޫމަތުތަކެއް ދިނުމަކީ އޭގެސަބަބުން ކުދިންނަށް އުނގެނުމަށް ފަހިވެގެންދާނެ ކަމެކެވެ. ޕިއާޖޭ ދެކޭ ގޮތުގައި ކުއްޖާއަށް ކުރިން އެނގިފައިވާ ކަންކަމާއި އެއްޗެއްސާ ގުޅުވައިގެން، އެއްކުއްޖަކު އަނެއްކުޖަކާ ވާހަކަދައްކަން ފުރުޞަތުދީ، ގްރޫޕު މަޝްވަރާކޮށް، ބަހުސްކޮށް މަޢުލޫމާތުތަކާމެދު ފިކުރުކުރަން ފުރުޞަތު ދިނުމުން ކުދިންގެ ވިސްނުމުގެ ގާބިލުކަން އިތުރުވެ، ކުއްޖާގެ ވާހަކަދެއްކުންތެރިކަމާ ލިޔުންތެރިކަން (ބަހުގެ ހުނަރުތައް) ތަރައްޤީވެގެން ދެއެވެ.
Leave a Reply