
ދުނިޔޭގައި ހިނގާފައިވާ ކަންތައްތަކާއި ހިނގަމުން އަންނަ ކަންތައްތައް އޮޅުން ފިލަނީ ހިސްޓްރީ ނުވަތަ ތާރީޚުގެ ފަތްފުއްތަކުންނެވެ. އެންމެ ޤަދީމީ ދުވަސްވަރު ދުނިޔޭގައި އުޅުނު މީހުންނަކީ ލިޔެ ކިޔައި އުޅުނު ބައެއް ނޫނެވެ. މިހެންކަމުން އެދުވަސްވަރަކީ ޕްރީހިސްޓްރީ ނުވަތަ ތާރީޚްގެ ކުރީގެ ދުވަސްވަރެވެ.
ޕްރީހިސްޓްރިކް(Prehistoric) ޒަމާނަކީ “ސްޓޯން އޭޖް” ނުވަތަ ގަލުގެ ޒަމާނެވެ. އެޒަމާނުގައި އިންސާނުން ދިރިއުޅެމުން އައީ ކަނޑައެޅިގެން ވަކި ޚާއްޞަތަނެއްގައި ވަޒަންވެރިނުވެ، ބައިބަޔަށް ނުވަތަ ގްރޫޕް ގްރޫޕަށް، އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމުގެ ތެރޭގައެވެ. މިގޮތަށް ދަތުރުކުރުމުގެ ތެރޭގައި ކައިބޮއި އުޅުނީ ޝިކާރަކޮށްގެންނާއި ގަސްގަހުން ލިބޭތަކެއްޗާއި އެހެނިހެން ޤުދްރަތީ ވަޞީލަތްތަކުން ލިބޭތަކެތިންނެވެ. ދިރިއުޅެމުން އައީ ހޮހޮޅަތަކުގައެވެ. ފޭރާމެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ޖަނަވާރުގެ ހަމެވެ. މިގޮތަށް އެތައް ހާސްއަހަރު އެމީހުން ދިރިއުޅުނެވެ.
ސްޓޯން އޭޖް ނުވަތަ ގަލުގެ ޒަމާން މައިގަނޑު 3 ބަޔަށް ބެހެއެވެ. އެއީ:-
- ޕެލިއޯލިތިކް (Paleolithic) ގަލުގެ މުސްކުޅި ޒަމާން: (2 މިލިއަން ބީ.ސީ އިން 8000 ބީ.ސީ އަށް)
- މެސޮލިތިކް (Mesolithic)ގަލުގެ މެދުތެރޭ ޒަމާން: (8000 ބީ.ސީ އިން 6000 ބީ.ސީ އަށް)
- ނިއޮލިތިކް(Neolithic) ގަލުގެ ފަހު ޒަމާން: (6000 ބީ.ސީ އިން 3000 ބީ.ސީ އަށް)
ޕެލިއޯލިތިކް (Paleolithic) ގަލުގެ މުސްކުޅި ޒަމާން
މިއީ މީލާދުގެ ކުރީގެ 2 މިލިއަން އަހަރުން ފެށިގެން މީލާދުގެ ކުރި (މކ) 8000 ވަނަ އަހަރާއި ހަމައަށް އޮތް ޒަމާން، ނުވަތަ ދުވަސްވަރެވެ. އެދުވަސްވަރު މީހުން ދިރިއުޅުނީ ގަސްގަހުން ލިބޭ މޭވާ ފަދަތަކެތި އެއްކޮށްގެންނާއި ޝިކާރަކޮށްގެންނެވެ. މިފަދަ އިގްތިޞާދަކީ(Hunter-Gatherer Economy) “ޝިކާރަކުރުމާއި ކާބޯތަކެތި އެއްކުރުމުގެ އިޤްތިޞާދެވެ”. ތަފާތު ބޭނުންތަކަށް ގަލުން ހަދާފައިވާ އާލަތްތައް ބޭނުންކުރިއެވެ. އަލިފާން ރޯކޮށް އަލިފާން ބޭނުންކުރަން ދަސްކޮށްފައިވެއެވެ.
މެސޮލިތިކް (Mesolithic) ގަލުގެ މެދުތެރޭ ޒަމާން
މިއީ މީލާދުގެ ކުރީގެ 8000 ވަނަ އަހަރުން ފެށިގެން މީލާދުގެ ކުރި (މކ) 6000 ވަނަ އަހަރާއި ހަމައަށް އޮތް ޒަމާން، ނުވަތަ ދުވަސްވަރެވެ. މިދުވަސްވަރު ލަކުޑިބުރިބުރި ކޮނެގެން ކެނޯcanoe (ބޮއްކުރާ ފަދަތަކެތި) ހަދާ އުޅުނެވެ. މަސްހިފުމަށް ބުޅިއާއި ދާ ހެދުމާއި އެއްކޮޅު ތޫނުކޮށްފައިވާ ދަނޑި ހަދާ އޭގެ ބޭނުންކުރުމާއި އަދި ދުނި ދަނޑި ގެންގުޅުނެވެ. މީގެ އިތުރުން ކުއްތާ އޮޅުކޮށްގެން ގެންގުޅެން ފަށާފައިވެއެވެ.
ސްޓޯންއޭޖް ނުވަތަ ގަލުގެ ޒަމާނުގައި އުޅުނު މީހުން ގެންގުޅުނު އާލަތްތަކާއި ހަތިޔާރުފަދަ އެންމެހާ ތަކެތި އެންމެ ފުރަތަމަ އުފައްދާފައިވަނީ ގައު ބޭނުންކޮށްގެންނެވެ. އެމީހުން ބޭނުންކުރަމުންދިޔައީ އަތުން ހިފޭވަރުގެ ގައު ގަލެވެ. މީގެ އެތައްސަތޭކަ އަހަރުފަހުން އެމީހުންގެ ތަފާތު ބޭނުންތަކަށް ބޭނުންކުރި ގައުގަލަށް މަޑުމަޑުން ސިފަ ގެންނަން ފެށިއެވެ.

ނިއޮލިތިކް(Neolithic) ގަލުގެ ފަހުގެ ޒަމާން
މިއީ މީލާދުގެ ކުރީގެ 6000 ވަނަ އަހަރުން ފެށިގެން މީލާދުގެ ކުރި (މކ) 3000 ވަނަ އަހަރާއި ހަމައަށް އޮތް ޒަމާން، ނުވަތަ ދުވަސްވަރެވެ. މިދުވަސްވަރު ޖަނަވާރު ގެންގުޅެންފެށުމާއި އެކު، ދަނޑުބިމުގައި ފަސްގަނޑު ޖެހުމަށް ޖަނަވާރުގެ ބޭނުންކުރަމުދިޔަ އެވެ. ވަކިސަރަޙައްދެއްގައި ދިރިއުޅުން ޤާއިމްކޮށް ދަނޑު ގޮވާންކުރަމުން ދިޔައެވެ. ދަނޑު ބިންތަކަށް ބޭނުންވާ ފެން، ކޯރާ ގުޅުވައިގެން ކާނު ކޮނެ، ކޯރުގެ ފެންގަނޑު ދަނޑުތަކާ ހަމައަށް ގެންދިޔައެވެ. ތަކެތި ވިއުމާއި ތަފާތު މައުދަންތަކުން ތަކެތި އުފެއްދިއެވެ. ލިޔަނީ ނިޝާންތައް ބޭނުންކޮށްގެންނެވެ.
ހޮހަޅަތަކުގައި ދިރިއުޅުނު މީހުން، ކޮށްއުޅުނު ކަންތައްތަކާއި، މާޙައުލުން ފެންނަން ހުރި ތަކެއްޗާއި، އަދި ދިމާވެފައިވާ ހާދިސާތައް ތަސްވީރުން ބަޔާންކޮށް، ހޮހޮޅަތަކުގެ ބިތްތަކުގައި ކުރަހައި އުޅުނެވެ. މިފަދަ ގިނަކުރެހުމުން ފެންނަނީ ޖަނަވާރާއި ޝިކާރަކުރުމުގެ މަންޒަރުތަކެވެ. މީގެ 3000 އަހަރު ކުރީގެ ކުރެހުންތައްވެސް ފެނިފައިވެއެވެ.
ސްޓޯންއޭޖްގެ އަހުލުވެރިން ހުރިހާކަމެއްވެސް އީޖާދުކޮށް ދަސްކުރީއެވެ. މިގޮތުން އަލިފާން އުފައްދާ އެއަލިފާނުގެ ބޭނުންކުރަން ދަސްކުރިއެވެ. އަލިފާނަކީ ކޮންއެއްޗެއްކަން އެބައިމީހުންނަށް އެގިގެންދާނީ ޤުދްރަތީ އެކިއެކި ކަންކަމާއި ގުޅިގެންނެވެ. މިގޮތުން އަލިފާން ފަރުބަދަ ގޮވުން، ހޮނުއެޅުން ފަދަ ކަންކަމާއި ގުޅިގެން އުފެދޭ އަލިފާނުން އަލިފާނަކީ ކޮންއެއްޗެއްކަން އެނގިގެން ދާނެއެވެ. އެބައިމީހުންގެ ބޭނުންތަކަށް އަލިފާން އުފެއްދީ ދެހިލަގަނޑު ކާއްތައިގެން، އަލިފާން ރޯކޮށްގެންނެވެ. މިފަދައިން އަލިފާންއުފައްދާ ދިރިއުޅުމުގެ ތަފާތު ބޭނުންތަކަށް އަލިފާން ބޭނުންކުރަން ފެށުނެވެ.

އަލިފާން އުފެއްދުމާއި ގުޅިގެން އެމީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔައެވެ. ފިނިގަދަ ދުވަސްވަރު ފިނިން ރައްކާތެރި ވުމަށް އަލިފާން ރޯކުރެއެވެ. ރޭގަނޑުގައި ނުރައްކާތެރި ޖަނަވާރުންގެ ކިބައިން ސަލާމަތްވުމަށްވެސް އަލިފާން ރޯކުރެއެވެ. އަދި އެބައިމީހުންގެ ކެއިން ބުއިމުގައި ބޭނުންކުރާ ބައެއް ތަކެތި ރޯފިލުވުމަށްވެސް އަލިފާން ބޭނުންކުރުމުން ދިޔައެވެ.

ދުނިޔޭގެ ވެއްޓަށްއައި ތަފާތު ބަދަލުތަކާއި ގުޅިގެން ގަލުގެ ޒަމާނުގެ އަހުލުވެރިންގެ ދިރިއުޅުމަށްވެސް އެތަކެއް ބަދަލުތައް އައިސްފައިވާނޭ ކަމަށް ބެލެވެއެވެ. މިފަދަ އެތައް ބަދަލަކާއިއެކު ދިރިއުޅުމުގެ ކަންތައްތަކަށްވެސް މަޑުމަޑުން ބަދަލުތައް އައިފައިވެއެވެ. މިގޮތުން ދަނޑުހެއްދުމާއި ޖަނަވާރު އޮޅުކޮށްގެން ގެންގުޅެންފަށާ އެއްތަނެއްގައި ދިރިއުޅެން ފެށިއެވެ. އަދި ދިރިއުޅެމުންއައި ފަރުބަދަތަކުގެ ހޮހޮޅަދޫކޮށް ގެދޮރުއަޅާ ގޮވާންކޮށް ގޮވާން ރައްކާކުރަންވެސް ފެށިއެވެ. އެއްތަނެއްގައި ދިރިއުޅެން ފެށުމުން އާބާދީބޮޑުވެ ވިލެޖްތައް އުފެދުނެވެ. ދަނޑުގޮވާން ކުރާނެ ގޮތްތައް ހޯދައި ދަސްކޮށް، އެކި ވައްތަރުގެ މޭވާ އަޅާ ގަސްގަހާއި ބާވަތްބާވަތުގެ ގޮވާން ހައްދާ އެތަކެތީގެ ބޭނުން ކުރަންފެށިއެވެ. އަދި ހައްދާ ގޮވާން ފަދަ ތަކެތި ފަހަށް ރައްކާ ކޮށްފައި ވެއެވެ. އަދި އެއް ތަނެއްގައި ދާއިމީ ގޮތަކަށް ދިރިއުޅޭނެ ގޭގެ އެޅުމާއި، މިފަދަ ގެތައް، އެއްގެ އަނެއްގެއާ ކައިރިކައިރީގައި އަޅާފައިވެއެވެ. މިގޮތުގައި ދިރިއުޅޭތާ ދުވަސަތަކަކަށްފަހު އެސަރަޙައްދުތަކުގެ އާބާދީ އިތުރުވެ ރަށްރަށް އުފެދި ރަށެއްގައި ހުންނަންޖެހޭ ކަންކަން ފުރިހަމަވަމުން ދިޔައެވެ. މި ރަށްރަށުގެ އަހުލުވެރިންގެ ތެރެއިން ހުނަރުވެރި މަސައްކަތްތެރިން އުފެދި ދިރިއުޅުމަށް ބޭނުންވާ ކަންކަން ފަސޭހައިން ކުރާނޭގޮތައް ހޯދަމުން ދިޔައެވެ.
ދިރިއުޅުމުގެ ކަންތައްތައް ކުރިއެރުމާއި ގުޅިގެން އެއްރަށުގެ އަހުލުވެރިން އަނެއްރަށުގެ އަހުލުވެރިންނާ އެކު ވިޔަފާރި ކުރަން ފެށިއެވެ. މިފަދަ ގުޅުންތަކުން ވަށައިގެންވާ ސަރަޙައްދުތަކުގައި އިތުރު ރަށްރަށް (ޝަހަރު) އުފެދުނެވެ. ޢާއްމުގޮތެއްގައި ދިރިއުޅެން ފަށާފައިވަނީ ކޯރުތަކުގެ ވާދީތަކާއި ކޯރުތަކުގެ އައްސޭރިއާއި މާދުރުނޫން ހިސާބުތަކުގައެވެ. މިގޮތުން އެންމެ ފުރަތަމަ އިންސާނުން ދިރިއުޅެން ފަށާފައިވާކަމަށް ބެލެވެނީ ޢިރާގުގެ ޔުފްރޭޓްސް ކޯރާއި ޓައިގްރިސް ކޯރުގެ ވަށައިގެންވަ ސަރަޙައްދުތަކުގައި، މިޞްރުގެ ނީލަކޯރު ވާދީގައި، އިންޑިއާގެ އިންޑަސް ކޯރު ވާދީގައި، އަދި ޗައިނާގެ ހުވެންގހޯ ކޯރުގެ ވާދީ ގައެވެ.

ބިމުގައިވާ އިންސާނީ އަސަރުތައް ހޯދާ ދިރާސާކޮށް، މާޒީވެގޮސްފައިވާ އިންސާނުންގެ ދިރިއުޅުމާއި ބެހޭ ހޯދުތަކުގެ ޢިލްމަކީ އާކިއޮލޮޖީ Archaeology އެވެ. އާކިއޮލޮޖީގެ ޢިލްމުވެރިން ކަމަށްވާ، އާކިއޮލޮޖިސްޓުން Archaeologists ބިމުގެ އަޑީގައި ވަޅުލެވިފައި ހުންނަ ތަކެއްޗާއި، އަދި މިނޫންވެސް ގޮތްގޮތުން ފެންނަ އާސާރީ ތަކެތި ދިރާސާކޮށް، މަޢުލޫމާތު އެއްކުރަމުން ދެއެވެ.
މައުލޫމާތު ނެގީ:
1 ދތކމ. (1994). އިޖްތިމާޢީ ޢިލްމު 1. މާލެ: ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު.
2 ހިސްޓްރީ އެންޑް ލައިފް، ދަ ވާލްޑް އެންޑް އިޓްސް ޕީޕަލް 1987
Leave a Reply