ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނަކީ ކޮބާ؟

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވީ ކޮންބައެއް ކަމާއި ފުރަތަމަ ވަޒަންވެރިވީ ބަޔަކު ރާއްޖެއަށް އައީ ކޮން ޒަމާނެއްގައިތޯ ކުރެވޭ ސުވާލުގެ ޖަވާބުގައި ދެންނެވޭނީ އެކަން އޮތީ އަދި ނޭގުމުގެ ތެރޭގައި ކަމަށެވެ.  ސަބަބަކީ ރާއްޖޭގެ ޤަދީމީ ތާރީޚުގެ ބޮޑުބައެއް ނޭގުމުގެ ތެރޭގައިވާތީއެވެ. ރާއްޖޭގައި ފެންނަންހުރީ ބިމުން ކޮނެގެން ނެގިފައިވާ ބައެއް ތަކެއްޗާއި 4 ލޯމާފާނެވެ. މީގެ އިތުރުންހަލާކުވެ ވީރާނާވެފައިވާ ދާގަބާ، ހަވިއްތަ، އުސްފަސްގަނޑު ފަދަ ތަންތަނެވެ. މިފަދަ އާސާރީ ތަންތަނާއި ތަކެތިން ލިބިފައިވާ ހެކިތަކަށް ބުރަވެ ރާއްޖޭގައި މީހުން ވަޒަންވެރިވެ އުޅޭތާ 2500 އަހަރު ވެދާނެކަމަށް ބައެއް މުއައްރިޚުން ހާމަކުރައްވާފައި ވެއެވެ.

ރާއްޖޭގައި ބަޔަކު ފުރަތަމަ ވަޒަންވެރިވި ކަމަށް ބެލެވޭ ދުވަސްވަރާއި ފުރަތަމަ ވަޒަންވެރިންނާ ބެހޭގޮތުން ދިވެހިރާއްޖޭގެ ޤަދީމީ ތަރީޚާބެހޭ މަޢުލޫމާތު ލިބެނީ ބޭރުގެ ބައެއް މުއައްރިޚުން ރާއްޖެއާއި ބެހޭގޮތުން ލިޔުއްވި ކުރު ބަޔާން ތަކުންނާއި ފެންނަހުރި އާސާރީ ބައެއް ތަކެތީންނެވެ. މީގެ އިތުރުން ޖޯގްރަފީއާބެހޭ ހޯދުންތަކުގެ ތެރެއިން ރާއްޖެއާއި އެންމެ ކައިރީގައިވާ ސްރީލަންކާ އާއި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށްވެސް ބަލާލަން ޖެހެއެވެ.

ސްރީލަންކާ (ސިލޯން) ގެ ތާރީޚީ ލިޔުމެއް ކަމުގައިވާ ‘މަހަވަންސަ’ ގައި ވަނީ މީލާދުގެ 500 އަހަރު ކުރިން އިންޑިއާގެ އަމީރެއް ކަމުގައިވާ ޕްރިންސް ވިޖެޔާ އޮޅުދޫކަރަޔަށް (ސްރީލަންކާއަށް) ވަޑައިގެންނެވި އިރު ޕްރިންސްގެ މީހުން ދަތުރުކުރި ނާތަކުގެ ތެރެއިން ނަވެއް ދިވެހިރާއްޖެއަށް އައިސްފައިވާ ކަމަށް ވެއެވެ. ދިވެހި ތާރީޚަށް އައު އަލިކަމެއްގެ (1990: ޞ 36) ގައި އެޗް.ސީ.ޕީ.ބެލް ގެ މޮނޮގްރާފާއި، ޕިރާޑުގެ ސަފަރުނާމާއަށް ޙަވާލާދީ ބަޔާންކޮށްފައިވަނީ، “ދިވެހިރާއްޖެއަށް ފުރަތަމައައީ، ޢީސާގެފާނުންގެ ކުރީން 5ވަނަ ނުވަތަ 6ވަނަ ޤަރުނުގެ ތެރޭގައި ސިލޯނަށް އާރިއަނުން އައި ދުވަސްވަރު އޭގެ މީހުންނެވެ.” މިއީ ރަނގަޅު ވާހަކައެއް ނޫންކަމަށް އެފޮތުގެ (1990: ޞ 37) ގައި ވަނީ “ފުރަތަމަ ރާއްޖެއަށް މީހުން އައީ ސިލޯނުންކަމަށް ވާނަމަ އެތާގެ މަޝްހޫރު ‘މަހަވަންސަ’ ގައި ނުވަތަ އެހެންވެސް، ސިލޯނުގެ ތާރީޚު ފޮތެއްގައި، ކިތަންމެ ކުޑަކޮށް ނަމަވެސް މިކަމާމެދު އެއްޗެއް ލިޔެފައި އޮތީހެވެ.”

މީލާދީން 1153މ. (548ހ.) ގައި ރާއްޖެ އިސްލާމްވުމުގެ ކުރީގެ އަސާރީ ތަރިކަ ރާއްޖެއިން ފެނިފައިވެއެވެ. އެއީ އ، ތޮޑޫ ‘ދާގަބާ’، ފ.ނިލަންދޫ ‘ފޯމަތި’، ކ.ކާށިދޫ ‘ކުރުހިންނަ ތަރާގަނޑު’، ތ.ކިބިނދޫ ‘ވޭރު’، ލ. ގަން މުކުރިމަގު ‘ހަތްތެރި’، ޏ. ފުވައް މުލައް ‘ހަވިއްތަ’ އަދި ސ. ހިތަދޫ ‘ކޯއްޓޭ’ އެވެ. މިތަން ތަނުން ބުޑިޒަމް އާއި ގުޅުންހުރި ބުދުތަކާއި ބިނާތަނާއި ތަކެތި ފެނިފައިވެއެވެ. މިފަދަ ތަކެތިންނާއި ތަންތަނުން ޤަދީމީ ދިވެހިންގެ ދީނާމެދު ގިނަގުނަ މަޢުލޫމާތު ލިބެއެވެ.

ޖޯގްރަފީގޮތުން ބަލާއިރު އިންޑިއާ ކަނޑުގައި ރާއްޖެ އޮތް ތަނުގެ ގޮތުން ރާއްޖޭގެ ސަރަޙައްދުން ދަތުރުކުރި އުޅަނދުތައް ރާއްޖޭގެ ރަށްރަށުގައި ބަނދަރުކުރުމުން އުޅަނދުފަހަރަށް ބޭނުންވާ ފެނާއި ދަރާއި ރޯނު ލިބުމަކީ ރާއްޖޭގައި މަޑުކުރުމުގެ ބޭނުމެވެ. މިގޮތުން ބޮއްޔާއި ކަހަނބުފަތާއި މާވަހަރު ފަދަ ވިޔާފާރި މުދާ ރައްޖެއިން އެދުވަސްވަރު ލިބޭކަމަށް ވެއެވެ. އަދި އިހުޒަމާނުގައި ރާއްޖޭގެ އެތެރެއާއި ވަށައިގެންވާ ކަނޑުތަކުން ދަތުރުކުރި ބައެއް އުޅަދުފަހަރު ފެތި ނުވަތަ ރާއްޖޭގެ ފަރުތަކަށް އުރި އެއިން ދަތުރު ކުރި ބަޔަކު ރާއްޖޭގައި މަޑުކުރަންޖެހުން ނުވަތަ ވަޒަންވެރިވުން ފަދަ ކަންކަންވެސް ވެފައި ހުރެދާނެއެވެ.  ފަހުގެ ތާރީޚެއްގައި ހިނގާފައިވާ މިފަދަ ހާދިސާއެއްކަމަށް ފަރަންސޭސި ދަތުރުވެރިޔާ ޕިރާޑު އަށް 1601މ. ގައި ރާއްޖެ އާދެވުނު ގޮތަށްބަލާއިރު، އިސްވެދިޔަ ވާހަކަޔަށް ބާރު ލިބެއެވެ.

އިހުޒަމާނުގައި ރާއްޖޭގެ އަހުލުވެރިންނާއި ބޭރާއި ގުޅިފައިވާ މިންވަރު އެނގެނީ ރާއްޖެއިން ފެނިފައިވާ ބޭރު ޤައުމުތަކުގެ ތަކެތީގެ ތެރޭގައި ހިމެނޭ މުށީގެ ކަންވާރުތަކާއި ފައިސާ ފޮތި ފަދަ ތަކެތިންނެވެ. ދިވެހިރާއްޖޭގެ އަޞްލު ވަޒަންވެރިންނަކީ ކޮންތަނަކުން އައި ކޮނަބައެއްކަން އަދި އެނގެން ނެތް ނަމަވެސް ރާއްޖޭގައި ވަޒަންވެރިވީ ބަޔަކީ “ދީވީން” ނުވަތަ ދިވެހީންނެވެ. “ދީވިން” ނަކީ މިނިވަންކަމާއެކު އަމިއްލަ ވެރިކަމެއް ޤާއިމްކޮށްގެން ތިބި ބައެއްކަން ސާބިތުވަނީ ޕިރާޑާ ޙަވަލާދީ ދިވެހި ތާރީޚަށް އައު އަލިކަމެއް (1990: ޞ 23 ގައި ވާ އެމިއެނަސް މާރސެލިނަސް ގެ ބަޔާނުންނެވެ.    “362މ. ވަނައަހަރު އެމްޕެރަރ ޖޫލިއަންގެ އަރިހަށް ‘ދީވީން’ އިންނާއި ‘ސެރެންދީވީ’ އިންގެ ފަރާތުން ސަފީރުން ދިޔައެވެ.”

ޗައިނާގެ ޓޭންގ ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރުގެ ލިޔުމެއްގައި މީލާދުގެ 658 ވަނަ އަހަރާއި 662 ވަނަ އަހަރު ޗައިނާގެ ރަސްގެފާނުގެ އަރިހަށް ދިވެހިންގެ ބަޔަކު ވެދުން ހިފައިގެން ދިޔަ ވާހަކަ ލިޔެފައި ވެއެވެ. މިވާހަކައިންވެސް ދިވެހިންނަކީ މިނިވަން ބައެއްކަމާއި ތަންދޮރުފިލާފައިވާ ބައެއްކަމާ ދިވެހިންގެ އަމިއްލަ ހައިސިއްޔަތުން ރަސްމީ ދަތުރުތައް ކޮށްފައިވާ ކަން އެނގެއެވެ.

ދިވެހި ތާރީޚަށް އައު އަލިކަމެއް ގައި އެޗް.ސީ.ޕީ ބެލްގެ މޮނޮގްރާފްހެ 16 ވަނަ ޞަފްޙާ އާއި ހަވަލާދީ ބަޔާންކޮށްފައިވަނީ ‘ދީވީން’ ނާއި ‘ސެރެންދީވީ’ އިން މުޅީން ވަކިކޮށް އެގޭން ތިބިކަމަށެވެ. ‘ދީވީ’ އިންނަކީ ދިވެހީން ކަމަށެވެ. ‘ސެރެންދީވީ’ އިން ނަކީ ސިލޯނު މީހުން ކަމަށެވެ.” (1990: ޞ 23).

މީލާދީން 1980 ގެ އަހަރު ތަކުގެ ކުރީކޮޅު ރާއްޖެ ވަޑައިގަތް ނޯރވޭގެ Thor Heyerdahl ތޯ ހައިދާލް ލަފާ ކުރައްވާފައިވަނީ ޤަދީމީ އިންޑިއާގައި އޮތް އިންޑަސް ވެލީ ސިވިލައިޒޭޝަ އުވިގެން ދިޔައިރު ދިވެހިރާއްޖެއަށް އެހިސާބުން މީހުން އައިސްފައި ވެދާނެ ކަމަށެވެ.  

ޕްރޮފެސަރ ސްޓޭންލީ  ގާރޑިނަރ 1899މ. ގައި ރާއްޖެއަށް އައިސް ކުރި ދިރާސާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރިން ދެނެގަތުމަށްޓަކައި މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިގޮތުން ރާއްޖޭގެ އެކިރަށްރަށުގެ މީހުންގެ އިސްކޮޅާއި ބޮލާއި ހަށިގަނޑުގެ މިންތައްކާއި އަދި މީނޫވެސް މައުލޫމާތު ހޯދައިގެން ދިރާސާ ކޮށްފައި ވެއެވެ. މިދިރާސާއިން ދިވެހިންގެ ތެރޭގައި ބަންގާޅާއި، އިންޑިއާ، އިންޑޮނޭޝިއާ، އެފްރިކާ، މެދުއިރުމަތީގެ އަހުލުވެރިންގެ ސިފަތައް ހުރި މީހުން ތިބަކަމަށް ވެއެވެ.

މިރާއްޖޭގައި އަހަރުތަކެއް ހޭދަކުރަންޖެހުނު ފަރަންސޭސި ދަތުރުވެރިޔާ ފްރާންސުވާ ޕިރާޑް ޑީ. ލާވަލް ލިޔުއްވި އޭނާގެ ދަތުރުނާމާ ގައިވަނީ “…. ދިވެހިންގެ ތެރޭގައި ބުނެވެމުން އަންނަގޮތުން އެބައިމީހުންގެ ރާއްޖޭގައި މީހުން އާބާދުވީ މީގެ ހަތަރު ޤަރުނު ކުރީންނެވެ. އަދި އެންމެ ފުރަތަމަ އެތާގައި (ރާއްޖޭގައި) އާބާދުވެ ވަޒަންވެރިވީބަޔަކީ، ސިލޯނު (ސްރީލަންކާ) ޖަޒީރާގެ ‘ސިންގަލިސް’ ކަމުގައިވެއެވެ. އެތަނަކީ، މިރާއްޖެއާއި މާދުރުނޫން ހިސާބެއްގައި އޮންނަރަށެކެވެ. އަދި އެތާގެ މީހުންނަކީ ބުދަށް އަޅުކަންކުރާ ބައެއްވެސްމެއެވެ.” (ޕިރާޑް ވޮލިޔުމް 1 ޞަފަޙާ 266)

They told that the Maldives began to be inhabited only four hundred years ago, and that the first who came and peopled them were the Cingalles’ of the island of Ceylon, which was not far distant, and were idolaters…………………………………………. (Pyrad, Vol: 1, page 266)

ދިވެހިރާއްޖެއިން ފެނިފައިވާ އާޘާރުތަކުން ލިބޭ ހެކިތަކާއި ރާއްޖޭގެ ކުރިން އޮތް ދީނާއި އެތެރެކޮށްފައިވާ ތަކެއްޗާއި ދިވެހިންގެ އާދާކާދައިގެ ތެރޭގައި ހިމެނޭ ކަންކަމާއި ބަސްމޮށުން ތެރިކަންފަދަ ކަންކަމަށް ބަލާއިރު ދިވެހިންގެ ސިފަތާކާ އެންމެ ގާތްގުޅުމެއް އޮތްކަމަށް ބެލެވެނީ ދެކުނު އިންޑިއާ އާއި ސްރީލަންކާ ގެ އަހުލުވެރިންނާއެވެ. އެހެން ނަމަވެސް ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނަކީ ކޮންބައެއް ކަން ބުނެދޭން އެނގޭނީ ފުރިހަމަ ސައިންޓިފިކް ދިރާސާއެއް ހެދިންގެންނެވެ. (ނިމުނީ)

ބަލާލި މުހިއްމު ލިޔުންތައް

  1. ދބތޚޤމ. (1990). ދިވެހި ތާރީޚަށް އައު އަލިކަމެއް. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒު.
  2. ނަސީމާ މުޙައްމަދު، (2004)، ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވުން. ފަތްތޫރަ 306 ، ސެޕްޓެމްބަރ 2004 ޞ13-
  3. މިސްޓަރ ލާރޒް ވިލްގޯން (ސްޓޮކްހޯމް، ސްވިޑްން) ގެ ކަލެކްޝަން (މޯލްޑިވްސް އޮޑް ހިސްޓަރީ)
  4. މެލޯނީ، ކްލެރަންސް، (1980) ޕީޕަލް އޮފް މޯލްޑިވް އައިލެންޑްސް، އޮރިއެންޓް ލޯންގްމޭން، މުމްބާއީ
  5. ދތޚޤމ. (2002). ދިވެހީންގެ ތަރިކަ1،2،3،4 މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖްލިސް.

Heyerdahl , Thor. (1986). The Maldive Mystery. London: George Allen & Unwin.

Bell, H.C.P. (1940). The Maldive Islands Monograph on the History, Archaeology & Epigraphy, Ceylon Government Press. Colombo.

Pyrad, Francois. (1890). The Voyage of Francois Pyrad of Laval: To East Indies, The Maldives, The Molucois and Brazil. Burt Franklin. New York Vol: 1 & II

ޚިޔާލެއް ދެއްވާ

Leave a Reply